13 ޑިސެމްބަރ 2025

މިއިން ޒަމާނަކު މަސްވެރި ސިނާޢަތަށް އިންވެސްޓް ނުކުރާ ވަރަށް މި ސަރުކާރުން ވަނީ އިންވެސްޓް ކޮށްފައި - ވަޒީރު

ޙަބަރު

ވަޒީރު އަހުމަދު ޝިޔާމް މަސްވެރިންގެ ދުވަހުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތަށް ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ.

45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އަދި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ދުރު ރާސްތާގެ ތަރައްޤީއަށް ބޭނުންވާ ސިޔާސަތުތަކެއް ގެންގުޅެފައި ނުވާ ކަމަށާއި، ހޯދާފައި ހުރީ ހަމައެކަނި ވަގުތީ ހައްލުތަކެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މަސްވެރި ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުރީގެ ސަރުކާރުން ސިޔާސީ ބޭނުމަށް މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރި ނަމަވެސް، އެ އަގުގައި މަސް ގަންނަމުން ގެންދެވުނު ނަމަ ސަރުކާރުން މިފްކޯއަށް އަހަރަކު 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހުނީސް ކަމަށެވެ. އެކަމުގެ ސަބަބުން އަމިއްލަ ކުންފުނިތައް މާލީ ހީނަރުކަމެއްގެ ތެރެއަށް ވެއްޓި، ބަނގުރޫޓުވުމުގެ ބިރު ދިމާވެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންގެ ހުރިހާ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް މި ސަރުކާރުން ޔަޤީންކަން ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އެކިއެކި ވުޒާރާތަކާއި މިނިސްޓްރީގެ ޓީމުތަކުން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 4.5 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ފަށާފައިވާކަން އެނގިވަޑައިގަންނަވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ މަސްވެރިކަމުގެ ސިނާޢަތަށް މިއިން ޒަމާނަކު އެއްވެސް ސަރުކާރަކުން ނުކުރާ ފަދަ ބޮޑު އިންވެސްޓްމަންޓެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ފަސް އަހަރު ނިމޭއިރު ދިވެހިރާއްޖޭގައި އެއްފަހަރާ 25,000 ޓަނު މަސް ރައްކާކުރެވޭނެ ޤާބިލްކަން އިތުރުކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމަށްޓަކައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށާއި، މި ދައުރު ނިމިގެންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ދާއިމީ ހައްލުތަކެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.