24 ޖުލައި 2025

6 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް 2025 އިޢުލާނުކުރުން

ޚަބަރު - ނިންމުން

6 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް 2025 އިޢުލާނުކުރުން

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްން 2016 ވަނަ އަހަރުން ފެށިގެން، ކޮންމެ ދެއަހަރުން އެއް އަހަރު ބާއްވަމުން އަންނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް ސީރީޒްގެ ހަވަނަ ސިމްޕޯޒިއަމް (އެމް.އެމް.އެސް 2026) ބޭއްވުމަށް ވަނީ އިޢުލާނު ކުރެވިފައެވެ. މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމްއަކީ ރާއްޖޭގައި މެރިން ސައިންސް ދާއިރާއިން ކުރާ ދިރާސާތަކުގެ މަސައްކަތްތައް އެއްތަނަކުން ހިއްސާކުރެވޭ މައިގަނޑު ޕްލެޓްފޯމެވެ. ހަވަނަ އެމް.އެމް.އެސް.އެސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 4 އާއި 5 ވަނަ ދުވަހު، މާލޭގައެވެ.

ކުރީގެ ސިމްޕޯޒިއަމްތަކުގައި ލިބިފައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، މި ހަވަނަ ސިމްޕޯޒިއަމްގައިވެސް ދިވެހިރާއްޖޭގެ ކަނޑުފަޅުގެ މާހައުލު ދެނެގަތުމަށާއި ބެލެހެއްޓުމަށް މުހިންމު މަޢުލޫމާތު އިތުރުވެގެންދާނޭކަން ފާހަގަކުރަމެވެ. ފާއިތުވެ ދިޔަ ސިމްޕޯޒިއަމްތަކާއި އެއްގޮތަށް ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ޢަމަލީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނެއްގައި ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މުހިންމު މަޢުލޫމާތު ތަކެއް ލިބި، މުހިންމު ކޮލާބޮރޭޝަންތަކަށް ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.

މިއަހަރުގެ ސިމްޕޯޒިއަމްގައިވެސް ރާއްޖޭގެ ކަނޑުގެ ސައިންސްގެ ދާއިރާތަކުން ފުޅާދާއިރާއެއްގައި ކުރެވޭ ސައިންޓިފިކް ދިރާސާތަކުގެ ނަތީޖާތަކަށް ބިނާކޮށް އޯރަލް އަދި ޕޯސްޓަރުން ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި ސިމްޕޯޒިއަމްގެ މައުޟޫތައް ކަނޑައެޅޭނީ ހުށަހެޅޭ އެބްސްޓްރެކްޓްތަކަށް ބިނާކޮށެވެ. ކުރީ އަހަރުތަކާއި އެއްގޮތަށް މިސިމްޕޯޒިއަމްގައިވެސް އެބްސްޓްރެކްޓް އަދި ޕްރެސެންޓޭޝަން ހުށަހެޅުމާއި، ސިމްޕޯޒިއަމްގައި ބައިވެރިވުމަށް ފީއެއް ނުނެގޭނެއެވެ. އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވިގެންދާނީ 2025، އޯގަސްޓް މަހުގެ ކުރީކޮޅުގައެވެ. މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާން ކުރެވޭނެއެވެ.