25 ޖުލައި 2025

މަސްވެރިކަމުގެ ސިނާޢަތުގެ ހަރުދަނާކުރުމާއި ތަރައްޤީ ކުރުމަށް މި މިނިސްޓްރީއާ އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީއާއެކު ފަހުމުނާމާގައި ސޮއި ކުރައްވައިފި

ނޫސް ބަޔާން

މަސްވެރިކަމުގެ ސިނާޢަތުގެ ހަރުދަނާކުރުމާއި ތަރައްޤީ ކުރުމަށް މި މިނިސްޓްރީއާ އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީއާއެކު ފަހުމުނާމާގައި ސޮއި ކުރައްވައިފި

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީންގެ ދަށުން ހިނގާ ޑިޕާޓްމަންޓް އޮފް ފިޝަރީޒްއާ ދެމެދު މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާގައި ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތުގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމާއި އެކުއަކަލްޗަރ ކުރިއެރުވުމާއި، ތިމާވެއްޓާ ރައްޓެހި މަސްވެރި-ފަތުރުވެރިކަން ކުރިއެރުވުމާއި، އަދި ދެ ޤައުމުގައި ވެސް އިޖާދީ ކަންކަމާއި ސައިންޓިފިކް ދިރާސާތައް ކުރުމަށް އެހީތެރިވެދިނުމެވެ. މީގެ އިތުރުން ވެލިއު ޗެއިން ތަރައްޤީކުރުމާއި، ތަމްރީނާއި، ދިރާސާތަކުގައި އެއްބާރުލުން ދީ މަސްވެރިކަމުގެ ދާއިރާގެ ޤާބިލުކަން އިތުރުކުރުމާއި، ދިވެހި ރާއްޖޭގެ މެރިކަލްޗަރ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

މި ފަހުމުނާމާއަކީ ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތްތަކަށް ވެސް އެހީތެރިވެވޭނެ ފިޔަވަޅެކެވެ. މިގޮތުން ދެ ޤައުމުގެ މެދުގައި ހިއްސާކުރެވޭ މަޢުލޫމާތާއި ތަޖުރިބާގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަސޭހަ ވެގެންދާނެއެވެ.

މިފަހުމުނާމާއަކީ ދިވެހިރާއްޖެ އާއި އިންޑިއާގެ މެދުގައި މަސްވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މީގެ ސަބަބުން ދެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާއަށް ފައިދާކުރަނިވި ނަތީޖާތަކެއް ޙާޞިލުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއަރައިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ވެވުނު ފަހުމާނާމާ (ދިވެހި ބަހުން)

128.79 KB

މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ވެވުނު ފަހުމާނާމާ ( އިގެރޭސި ބަހުން)

193.59 KB