08 ސެޕްޓެމްބަރ 2025

އެކުއަކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަހުމަދު ޝިއާމް ބައިވެރިވެވަޑައިގެންނަވައިފި.

ޚަބަރު - ނިންމުން

އެކުއަކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓާއި، ޗައިނާ ޕީޕަލްސް ރިޕަބްލިކްގެ ފުޖިއަން ފިޝަރީޒް ރިސަރޗް އިންސްޓިޓިއުޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓާއި، ޗައިނާ ޕީޕަލްސް ރިޕަބްލިކްގެ ފުޖިއަން ފިޝަރީޒް ރިސަރޗް އިންސްޓިޓިއުޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ. މި ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މިނިސްޓްރީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ، ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިމާލް އެވެ.

 

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް ދިރާސާކުރުމާއި އެކުއާކަލްޗަރ ދާއިރާ ކުރިއެކުރުވުމުގެ އެހެނިހެން ދިރާސާ އަދި ކަނޑުގެ މާހައުލާ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ގުޅުންހުރި ދިރާސާކުރުމެވެ.

މި ފަހުމުނާމާއަކީ ތިމާވެށި ރައްކާތެރިކުރުމަށް ދިވެހިރާއްޖެ އާއި ޗައިނާއިން ދޭ ޚާއްޞަ ސަމާލުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން، މި އެއްބަސްވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް އެޅޭ އިތުރު ހަރުދަނާ ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޢިލްމީ އަދި ޓެކްނިކަލް ގުޅުން އިތުރަށް ބަދަހިވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ