09 ޖޫން 2025

އ.ދ.ގެ ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމިއިއްޔާ ގެ ޑިރެކްޓަރ ޖެނެރަލް، ކިއު ޑޮންގްޔޫ، ވަޒީރު އަހުމަދު ޝިޔާމް އާއި ބައްދަލުކުރައްވައިފި

ޙަބަރު

ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމިއިއްޔާ (އެފް.އޭ.އޯ)ގެ ޑިރެކްޓަރ ޖެނެރަލް، ކިއު ޑޮންގްޔޫ ވަޒީރު, އަހުމަދު ޝިޔާމް އާއި ބައްދަލުކުރައްވައިފި

އ.ދ.ގެ ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމިއިއްޔާ (އެފް.އޭ.އޯ)ގެ އޮފީހެއް ރާއްޖޭގައި ޤާއިމްކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީ ކުރުމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން އެފް.އޭ.އޯގެ ޑިރެކްޓާ ޖެނެރަލް ކިއު ޑޮންގްޔޫ ދެއްވައިފި އެވެ.

އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލް، ކިއު ޑޮންގްޔޫ މިހެން ވިދާޅުވީ ޔޫ.އެން. އޯސީ ގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި، ވަޒީރު އަހުމަދު ޝިޔާމް ވަނީ އެފް.އޭ.އޯއިން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަންކަމަށް  ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް، އެފް.އޭ.އޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި ކަނދުފަތީގެ މަޝްރޫޢަށް ދެއްވާފައިވާ ފަންނީ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ދެ ފަރާތުން ވަނީ ކުރިމަގުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކުގައި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ޤާނޫނެއް އެކުލަވާލުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މެރިކަލްޗަރ ދާއިރާއަށް އިންވެސްޓްކުރުން އިތުރުކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްޤީކުރުމަށް އެފް.އޭ.އޯގެ ފަރާތުން އިތުރު އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރެވެއެވެ.